ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 500 އަށް ވުރެ ގިނަ ފުޅި ބަނގުރާ ނައްތާލައިފިއެވެ.
ފުލުުން ބުނީ މިއަދު ނައްތާލާފައިވަނީ އެ މުއައްސަސާއަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ.
މިގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 502 ފުޅި ބަނގުރަލާއި 20 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 11 އައިޓަމެކެވެ. ފުލުހުން ހާމަކުރި ގޮތުގައި ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅާއި ދަބަސް އަދި ލަގެޖު ފޮށިފަދަ ތަކެތި ހިމެނެއެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.




