އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން މިމަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އައި.އޯ.ޓީ.ސީގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ ހަތަރަކުން 15 އަށް ބާސެލޯ ނަސަންދުރާގައެވެ. މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން މިމަހު 4 އިން 15 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ.https://t.co/TbFQXsrLeX pic.twitter.com/QVwkLa7UVh
— Min of Fisheries, Agriculture and Ocean Resources (@MFAORmv) May 2, 2026
ވުޒާރާއިން ބުނީ މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އައި.އޯޓީ.ސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންކަމަށާއި އަދި މި ބައްދަލުވުން ބޭއްވުމަށް ހުރިހާ ޚަރަދެއްވެސް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށް ވުޒާރާއިން ބުނެ އެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައި.އޯ.ޓީ.ސީގެ މައި ބައްދަލުވުމުގެ އިތުރުން، އައި.އޯ.ޓީ.ސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.




