އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން ކުރިމަގުގައި އިތުރަށް ވަރުގަދަކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި ތަޢުލީމީ ދާއިރާއިންނާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށާއި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.




