ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިންނެވެ. އަލަށް ހުވާ ކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ މި މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމުގައި ކޮމިޓީ އިން ނިންމީ، ދެ މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ، 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަދި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމާ މެދު އެކުގައި ވޯޓަށް އެހުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 14 ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ.
މަޖިލީހުން ރުހުން ދީފައިވާ ވަޒީރުންނާއި ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު
- ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު/ 76 މެންބަރުން
- މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު/ 76 މެންބަރުން
- ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން/ 70 މެންބަރުން
- ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް/ 75 މެންބަރުން
- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު/ 72 މެންބަރުން
- ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ/ 75 މެންބަރުން
- އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު/ 65 މެންބަރުން
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް/ 73 މެންބަރުން
- އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ 74 މެންބަރުން
- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން/ 73 މެންބަރުން
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު/ 75 މެންބަރުން
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު/ 64 މެންބަރުން
- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް/ 68 މެންބަރުން
- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް/ 63 މެންބަރުން




