ބައެއް ސިޔާސީ ޕާޓީތަކުން މި ދުވަސްވަރު ކުރިއަށް ގެންދާ ޙަރަކާތްތައް ހިންގުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ސިޔާސީ ޕާޓީއަކަށް ސިޓީ ފޮނުވައިފިއެވެ.
މިގޮތުން އީސީން ވަނީ އެމްޑީޕީ އަދި ޕީއެންއެފް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި، ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި މި ޕާޓީތަކަށް ސިޓީއެއް ފޮނުވައިފައެވެ.
މިއަދު އީސީން ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.
އަދި ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވެ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެކަން އަންގާފައިވެއެވެ.




