އައްޑޫ ގެއެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އޭއީއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ 2026 އޭޕްރީލް 28 ވަނަ ދުވަހުގެ މެންދުރުފަހު 13:50 އެހައިކަންހާއިރު ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާ އަށް އަނިޔާ ވެފައި ވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށާއި، މިއީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، އެއީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




