ހަމައެކަނި ސިޔާސީ ޚަބަރުތަކަށް އިސްކަންދިނުމުގެ ބަދަލުގައި، ރާއްޖެއަށް މުހިންމު އެހެނިހެން ދާއިރާތަކުން ރިޕޯޓުކުރުން މިހާރަށްވުރެ އިތުރަށް ފުޅާކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް އެދިވަޑައިގެންފިއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި ތިމާވެށި، މޫސުމަށް އަންނަ ބަދަލުތައް އަދި ހަކަތައިގެ ދާއިރާއާ ގުޅުންހުރި މުހިންމު ޚަބަރުތަކާއި އާޓިކަލްތައް ޝާއިޢުކުރެވޭ މިންވަރު މަދުކަން ވަނީ ފާހަގަކުރެވިފައެވެ.
"ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ހަކަތައިގެ ބޭނުން ހިފުމާއި ހަކަތަ އިގްތިސާދު ކުރުން ފަދަ މައުޟޫޢުތަކަކީ އާންމުންނަށް ބޭނުންތެރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވިދާނެ ދާއިރާތަކެއް،" ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ މިފަދަ ދާއިރާތަކުން ލިޔުންތައް ލިޔުމަށް ނޫސްވެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި މިނިސްޓްރީއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެފަދަ މަޢުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރީގެ އާދަކާދަތަކާ ޚިލާފަށް މިހާރު ނޫސްވެރިކަން އިލެކްޓްރޯނިކް ވަސީލަތްތަކަށް ބަދަލުވެފައިވުމީ މަޢުލޫމާތު ފެތުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން މަޢުލޫމާތު ހޯދުމާއި، ހޯދާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ މިހާރު ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ވަޒީރު ވަނީ، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، ކުރިއަށް އޮތް ޖީލުގެ ނޫސްވެރިންނަށް ނަމޫނާއަކަށް ވާނެ ފަދަ ގޮތަކަށް މި ދާއިރާ ފުޅާކޮށް، ގައުމީ ފެންވަރުގައި ތަފާތު ދާއިރާތަކުން މަޢުލޫމާތު މުއްސަނދި ކުރުމަށް އެދިލައްވައިފައެވެ.




