ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފއިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 02 މޭ 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އީސީއަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ ޖޫން 6 ވާ ހޮނިހިރު ދުވަހުއެވެ.
ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް އަލުން މީހަކު އިންތިޚާބު ކުރަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.






