ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޤާނޫނުގައި ހިމެނޭނެ މުހިންމު ދައިރާތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންޓި ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޤާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބާކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އެކި އިދާރާތަކަށް ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިތަންތަނުގައި ބުލީކުރުމާއި ގުޅޭ ޚާއްސަ ސިޔާސަތުތައް އެކުލަވާލުމާއި ބުލީ ކުރާ ކުދިންނާއި ދޭތެރޭ ޢަމަލުކުރެވޭނެ ޚާއްސަ ނިޒާމެއް އެކުލަވާލުމާއި، މިމައްސަލަ ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ ގޮތާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާއި ގުޅޭ ކަންކަން ހިމެނުން ފަދަ އިޖުރާޢަތްތަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި އެތަންތަނުން ޚިދުމަތްދޭ ފަރާތްތައް ހިމެނޭހެން އެފަރާތްތަކުގެ ހައްޤުތަކާއި ޒިންމާތައް ތަފްސީލްކޮށް އެނގޭނެހެން ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކި މާހައުލުތަކުގައި ބުލީކުރުން ހުއްޓުވުމުގެ އިތުރުން އޮންލައިންކޮށް ބުލީކުރުން ހުއްޓުވުމަށްވެސް ޤާނޫނުގައި ހިމަނުއްވައި އެކަމަށް އިޖުރާޢާތައް ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ އިތުރުން ބުލީކުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާއި މަސައްކަތް ކުރާނެ މުޢައްސަސާތައް ޤާނުނުގައި ބަޔާން ކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ބޭރު ޤައުމުތަކުގައިވެސް މިކަން އެންމެ ރަނގަޅަށް، ތަންފީޒުކުރަމުންދާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތްތައް ޤާނޫނު އެކުލަވާލާއިރު ބައްލަވާނެ ކަމަށެވެ.
"މިމަސައްކަތް މި ފެށީ، އަޅުގަނޑު ހިތުން ޤައުމުގައި މިމައްސަލައަށް ވަށާޖެހޭ ހައްލެއް ގެންނަން މަސައްކަތް ކުރަން. އެހެންވީމަ އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން. މިއީ އެންމެ ބައެއް ކަމެއް ނޫން. ހުރިހާ ފަރާތްތަކުން އެކުވެގެން އެއް ރޫހެއްގައި އެއް ނިޔަތެއްގައި މަސައްކަތް ކުރުން މިކަމުގައި ނަތީޖާ ނެރެވޭނެ ގޮތަކަށް އޮންނާނީ. އެހެންވީމަ އެއްވެސް މީހަކަ ބޭނުމެއް ނުވޭ. އެއްވެސް މީހަކަށް ބުލީ ކުރުމުގެ ޢަމަލެއް ކުރިމަތި ކުރުވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.







