ހުޅުމާލޭގެ މަގުތައް މާރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ޢާއްމުން ނުވަނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝާން އެޗްޑީސީން އިލްތިމާސް ކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.
އެޗްޑީސީން ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެޗްޑީސީން ވިދާޅުވީ، މި މަސައްކަތަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މަޝްރޫއާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.







