ގާލްސް އިން އައި.ސީ.ޓީ ޑޭ ފާހަގަކުރުމަށް މައިންޑްކޯ އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި އަހަރުގެ 'މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް' ފާހަގަކުރުމުގެ ގޮތުން، ޑިޖިޓަލް އިގްތިސާދުގެ ތެރޭގައި ހުރި ފުރުސަތުތައް އަންހެނުންނަށް ތައާރަފުކޮށް، މި ދާއިރާގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް މައިންޑްކޯ އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މި ދުވަހުގެ މައިގަނޑު މަގްސަދަކީ މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަންހެން ކުދިންނަށް ހިތްވަރު ދިނުމެވެ.
"ގާލްސް ގޯ ޑިޖިޓަލް – ކޯ-ކްރިއޭޓިންގ ޕީ6، ޕީ7، ޕީ8" ގެ ނަމުގައި ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވި މަޝްވަރާ ބައްދަލުވުން ކުރިއަށްދިޔައީ ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިންގައެވެ. މި ބައްދަލުވުމުގައި އަންހެން ވިޔަފާރިވެރިންނާއި، ދަރިވަރުންނާއި، ދާއިރާގެ ފަންނުވެރިންގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ޑިޖިޓަލް ދާއިރާގެ މުހިންމު ހިއްސާދާރުން ބައިވެރިވެފަައިވެއެވެ.
މި ސެޝަން ވެގެންދިޔައީ މޯލްޑިވްސް 2.0ގެ އަމާޒުތައް ހާސިލްކުރުމުގައި އަދި ވަކިން ޚާއްސަކޮށް އެ މަގުޗާޓުގެ 8 ވަނަ ތަނބު ޑިޖިޓަލް އިޤްތިސާދު ފުޅާކުުރުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް އަދާކުރެވިދާނެ ދައުރާ މެދު އަމަލީ ގޮތުން ވިސްނައި، ހިތްވަރުދީ، ހިޔާލު ބަދަލުކުރެވިގެން ދިޔަ ބައްދަލުވުމަކަށެވެ.
އަދި ޑިޖިޓަލް ދާއިރާގައި ހުރި ހަގީގީ ފުރުސަތުތަކަށް އަލިއަޅުވާލުމާއެކު، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން، ދާއިރާއަށް ވަނުމާއި ކުރިއެރުމުގައި ހުރި ހުރަސްތަކާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރެވިގެންދިޔައެވެ.
މި ބައްދަލުވުން ފެށިގެން ދިޔައީ ދުވަހާ ގުޅުވައި މައިންޑްކޯއިން ހުށަހަޅައިދިން ޚާއްސަ ޕްރެޒެންޓޭޝަނަކުންނެވެ.
މި ޕްރެޒެންޓޭޝަނުގައި ޑިޖިޓަލް އަދި ފުޅާވަމުންދާ އާރޓިފިޝަލް އިންޓެލިޖަންސް ޓެކްނޮލޮޖީ މި ދާއިރާގައި އަންހެނުންނުންގެ ހިއްސާ އާއި ބައިވެރިވުން ދުނިޔޭގަ އަދި ޤައުމީ ފެންވަރުގައި ހުރި މިންވަރަށް އަލިއަޅުވާލުމުގެ އިތުރުން، އަންހެނުން މި ދާއިރާއަށް ގުޅުމަށް ހުރި ގޮންޖެހުންތަކާއި އަދި ބައިވެރިވުން އިތުރުކުރުމަށް ހިންގިދާނެ ހަރަކާތްތަކާއި އަދި ފަހިކޮށްދެވިދާނެ ފުރުސަތުތަކާއި ގުޅޭގޮތުން އަލިއަޅުވާލެވިގެން ދިއައެވެ.
ޕްރޒެންޓޭޝަންއަށް ފަހު ދެ ޕެނަލް ޑިސްކަޝަންވަނީ ކުރިއަށް ގެންދެވިފައެވެ. ފުރަތަމަ ޕެނަލް ޑިސްކަންޝަން ޚާއްސަކުރެވިގެންދިޔައީ "ޑިޖިޓަލް އިޤްތިސާދުގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި، ގޮންޖެހުންތަކާއި އަދި ގުޅިގެން ކުރެވޭނެ މަސައްކަތްތައް" މި މައުޟޫއަށެވެ.
މި ޕެނަލް ޑީސްކަޝަންގައި ޑިޖިޓަލް ފުރުސަތުތަކުގެ މިހާރުގެ ހާލަތާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކުގެ އިތުރުން އެކި ދާއިރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތަކަށް އަލިއަޅުވާލެވިގެން ދިޔައެވެ.
މީގެ އިތުރުން ދެވަނަ ފެނަލް ޑިސްކަޝަން ޚާއްސަކުރެވިގެން ދިޔައީ މިއަހަރުގެ ޝިއާރު "ތަރައްގީއަށް އޭ.އައި: ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި އަންހެން ކުދިން" މި މައުޟޫއަށެވެ. މި މަޝްވަރާގައި އަންހެނުން އިސްވެ ހިންގާ ޓެކްނޮލޮޖީ އިދާރާތަކާއި، ޑިޖިޓަލް އީޖާދުތަކުގެ ދާއިރާގެ އިސްވެރިންނާއި، ޑޭޓާ އަދި އޭ.އައި ފަންނުވެރިން މަޢޫލޫމާތު ހިއްސާކުރެއްވިއެވެ.
ޕެނަލްގައި ބައިވެރިވި ފަރާތްތަކުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އައު ޓެކްނޮލޮޖީތަކުގެ އެހީގައި އަންހެނުންނާއި އަންހެން ކުދިންނަށް ހުރި އަދު ފަހިވަމުންދާ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރުތަކާއި، އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމުތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
ބައްދަލުވުން ނިންމާލުމުގެ ގޮތުން ބައިވެރިންނަށް ޚިޔާލުފާޅުކުރުމަށް ހުޅުވާލެވުނު ސެގްމަންޓްގައި ޑިޖިޓަލް ދާއިރާއަށް ވަނުމާއި ކުރިއަށް ދިއުމުގައި އަންހެނުންނަށް ނުވަތަ އަންހެން ކުދިންނަށް ކުރިމަތިވާ ފަންނީ އަދި އެނޫން ހުރަސްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
އަދި މައިންޑްކޯ އާއި މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގެން އަންހެނުންނަށް އަމަލީ ގޮތުން ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، ޑިޖިޓަލް ހުނަރުތަކާއި ވަސީލަތްތައް ފުޅާކުރެވޭނެ މަގުތައް ދެނެގަތުމަށް މަޝްވަރާތަކުން މަގުފަހިވެގެން ދިޔައެވެ.
މި މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް 2.0 ތަންފީޛުކުރުމުގަޔާއި، ޑިޖިޓަލް އިގްތިސާދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މައިންޑްކޯއިން ކަމާގުޅުންހުރި އެހެނިހެން މަސްލަހަތުވެރިންނާއި ގުޅިގެން އިތުރު ހަރަކާތްތައް ކުރިއަަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ބޭނުންވާ ތަމްރީނާއި، އެހީތެރިކަމާއި، ބާރުވެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް މައިންޑްކޯއިން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމުގެ ޔަޤީންކަން ކުންފުނިން އަރުވައެވެ






