ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް އަދި އިތުރު ވައްކަމެއްގައި ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން، އެޕްރީލް 21 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު ޝިފާއު (29އ) ކަމަށާއި، އެ މީހުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއަކާއި، 240 އެމެރިކާ ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއްގެ އިތުރުން ހަ ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތައް ހިމެނޭ ކަމަށެވެ. އަދި ވަގަށް ނެގި ހުރިހާ ތަކެއްޗެއް ހޯދައި މިހާރު ވެރިފަރަތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، އެ ވައްކަން ހިނގީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެއް ކަމަށާއި، ވެރިފަރާތުން ބުނާ ގޮތުގައި އެ ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑު ކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުންގެ ތަހުގީގުގައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500 ރުފިޔާއަށް ވިއްކާލާފައިވާކަމުގެ މައުލޫމާތު ލިބިގެން، އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.







