މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ އިން މިއަދު ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވަފުދަކާ ބައްދަލުކުރައްވައިފިއެވެ.
މި ވަފުދުގައި ސިޗުއާން ފޮރިން އެފެއާޒް އޮފީހާއި، ސިޗުއާން ޕްރޮވިންޝަލް ހެލްތު ކޮމިޝަނާއި، ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލުގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާ އެމްބަސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޯގަސްޓް 2024 ގައި ސޮއިކުރެވުނު "ސިޗުއާން–މޯލްޑިވްސް ހެލްތު ކޯޕަރޭޝަން" އެމް.އޯ.ޔޫގެ ދަށުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ތަޖުރިބާ ބަދަލުކުރުމާއި، ޓެލެމެޑިސިން އަދި ކުއްލި ހާލަތްތަކުގައި ދޭ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުން ހިމެނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ރަށްރަށާއި، އަތޮޅުތަކާއި، ރީޖަނަލް އަދި ގައުމީ ފެންވަރުގައި ބެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
އަދި މައިންނާއި ކުޑަކުދިންގެ ސިއްހަތު ކުރިއެރުވުމާ ގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރައްވާފައިވާއިރު، މި ދާއިރާއިން އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށާއި ސިއްހީ ޚިދުމަތްތެރިންނަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މިނިސްޓްރީން ވަނީ މި ގުޅުމުގެ ދަށުން މިހާރުވެސް ކުރިއަށްދާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި "ޗައިނާ (ސިޗުއާން)–މޯލްޑިވްސް ހެލްތު ސިލްކް ރޯޑް އެކްސްޗޭންޖް ޕްރޮގްރާމް" އާއި، ކުރިއަށް އޮތްތަނުގައި ޗައިނާގެ ޗެންގްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕެލްވިކް ފްލޯ ޑިސްފަންކްޝަން" އާ ގުޅޭ ޚާއްސަ ތަމްރީނުތައް ހިމެނެއެވެ.
ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.






