ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.
މިއީ 3 ދުވަހުގެ މުއްދަތަށް ބާސެލޯނާގައި ކުރިއަށްދާ މުޅި ދުނިޔޭގެ ސީފުޑް އިންޑަސްޓްރީ ގުޅުވައިދޭ ޕްރިމިއާ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް އެވެ. މި ފެއާގައި ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަކުން ބައިވެރިވިއެވެ.
މި ފެއާގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފިޝަރީސް އެގްރިކަލްޗަރ އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި މިފްކޯއާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ބްލޫ ސޯލްވޯޓާ ޕްރައިވެޓް ލިމިޓެޑާއި ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖެއިން ވަނީ ރާއްޖެގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަން އެއް ކުރިއަށްގެންގޮސްފައެވެ. ފެއާގެ ސައިޑް އިވެންޓެއްގެ ގޮތުން "ދިވެހިރާއްޖެ އިން ދުނިޔެއަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ.
މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ދުނިޔޭގެ މާކެޓަށް ވަދެވޭނެ ގޮތާއި، އަގު އުފެއްދުމާއި ގުޅޭގޮތުންވެސް މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރިއެވެ.
މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ސީފުޑް ވޮޗް އިން ކަނޑައެޅުމުން އެކަން ޕްރޮމޯޓްކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.
މިއީ ސީފުޑް ވޮޗްގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ.





