ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ސިޔާސީ ހަރަކާތްތައް ހިންގާއިރު ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަންގައިފިއެވެ.
އެ ކޮމިޝަނުން ބުނީ ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލެ ސިޓީގައި ބާއްވަމުންގެންދާ އެއްވުންތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކާ، އެ ވާހަކަތައް މީޑިއާގެ ޒަރިއްޔާއިން އާއްމުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންގެ މެދުގައި ނަފުރަތު އުފައްދާ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މުހިއްމު އަސާސީ ހައްގެއް ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއްކަމަށް ވީނަމަވެސް މި ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހުތިރާމް ކުޑަނުވާނޭ ގޮތަކަށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ހަމައެހެންމެ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ، ގާނޫނު އަސާސީއިން ދިވެހި ރައްޔިތުންނަށް ކަަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއްކަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ މިފަދަ އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ހިޔާލުފާޅުކުރުންތަކަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ އަަމަލުތައް ކުށްވެރިކޮށް، ސިޔާސި ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަންކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށްވެސް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.






