ކުރިން އިޢުލާންކުރައްވާފައިވާ އިސްލާހުތަކާއި، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންތިޚާބުގެ ކުރިން ސަރުކާރުން އިޢުލާންކުރައްވާފައިވާ އިޞްލާޙީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުންދާ ދިއުން މަދުކުރުމާއި، އަންހެނުންނާއި ޒުވާނުންގެ ކޯޓާ އެކަށައެޅުމާއި، ޝަރުޢީ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީ.ޖޭ.އޭ ) އޮންނަ އޮތުމަށް އިސްލާހްގެންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް އިސްލާޙްގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީ.ޖޭ.އޭ ބަދަލުވެގެން ދިއުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅުބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ޤާނޫނު ތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.






