ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ އިޤްތިޞާދުގެ ތެރެއިން ފުރުޞަތުތަކެއް ފަހިވާނެ ފަދަ ގޮތަކަށް ރޭވިގެން ކަމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، ކުރިމަތިވެފައިވާ މި ޚާއްޞަ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދީ ސޯބުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވުން ކަމަށާ، އެގޮތުގެ މަތީން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞުތަތައް އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތެއް ރޭއްވެވުމަށް އެމަނިކުފާނު އަންގަވާފައިވާކަމުގައެވެ. މި މޭރުމުން މިހާރުވެސް ފަންޑުތައް ހަމަޖެހިފައި އެބަހުރި ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގަވާފައި ވީ ނަމަވެސް، އެކަން ކުރިއަށްދާނީ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވި، ތެލާއި އެނޫންވެސް ޒަރޫރީ ބާވަތްތަކުގެ ސަޕްލައި ކަށަވަރުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވަނީ މިފަދަ އެއްވެސް ދާއިރާއަކުން މިވަގުތު ދިވެހިރާއްޖެއަށް މުދާ ނުލިބި ނެތް ކަމަށާ، ހުރިހާ ބާވަތެއްގެ ސަޕްލައި ކަށަވަރުކުރެވިފައި ވާކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު، ވީހާވެސް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާ ކަމަށާ، މިކަންކަން ކުރެއްވުމުގައި ވިޔަފާރިވެރިންނާވެސް ވަރަށް ގާތުން ސަރުކާރުން މަޝްވަރާކުރައްވަމުންގެންދަވާކަމުގައި ކޮމިޓީން ފާހަގަކުރެއްވިއެވެ.
ދިވެހި އިޤްތިޞާދުގެ އެންމެ ހިއްސާ ބޮޑު ދެ ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢީ މަސްރަޙަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ވަނީ ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ވައިގެ އުދުހުންތަކާއި، ދަނޑުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްވެސް ހިމެނޭހެން، އެއްވެސް ސިނާޢަތެއް ނުހުއްޓި ކުރިއަށްދާނެކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކަމުގެ ނަތީޖާތަކުގެ އަދާހަމަ ތަފާސް ހިސާބުތައްވެސް ކޮމިޓީން ވަނީ ހިއްސާކުރައްވާފައެވެ.
ހަމަމިއާއެކު ސަރުކާރުން ކުރިއަށްގެންދަވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަށް، މި ޚާއްޞަ ހާލަތުގެ ސަބަބުން ނޭދެވޭ އަސަރެއް ފޯރާފާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ކޮމިޓީން ވަނީ، ޕޭ ހާމަނައިޒް ނުކުރެވި އޮތީ އެންމެ 7 ޕަސެންޓްކަމަށާއި، އެކަންވެސް ވީ އެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމުގައި ފާހަގަކުރައްވާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޓީއެއް އުފެއްދެވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަނިކުފާނުގެ ކެބިނެޓަށް، ހުސްވި ހަފުތާގައި ގެންނެވި ބަދަލާ ގުޅިގެން، އޭޕްރިލް 15 ވަނަ ދުވަހު އެމަނިކުފާނު ވަނީ މި ކޮމިޓީއަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ. މިއަދު ކުރިއަށްގެންދަވާފައި ވަނީ އަލަށް އެކުލަވާލެއްވި ކޮމިޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.






