ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން ޕްރައިމަރީއަށް އިތުރު މެންބަރަކު ކުރިމަތިލައިފައި ނުވާތީ، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނީ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ކަމަށް، އެ ޕާޓީން އިއުލާނުކޮށްފިއެވެ.
އެމްޑީޕީން ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް، ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވައިލައިފައެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، އެ ޕާޓީގެ ވެސް ހިތަދޫ އުތުރު ދާއިރާގެ ރައީސްކަން ކުރައްވާ ސޯބެއެވެ.
އެހެންކަމުން ސޯބެއަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓުކަމަށް އެމްޑީޕީގެ އިއުލާނުގައިވެއެވެ.
އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން (ސިނާ) ފައިސާ ދައްކަމުން ނުދިއުމާ ގުޅިގެން، ޣާލިބު ސަލީމް ނަމަކަށް ކިޔާ މީހަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ހުކުމް މިދިޔަ އާދީއްތަ ދުވަހު އިއްވީ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ނުވަ މަސް ދުވަސް ފަހުންނެވެ. މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ވެސް ނިންމެވީ ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށެވެ.






