މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ފަހި ހަކަތަ ސަބްސިޑީ ރިވައިޒްކޮށް ކޮންމެ ލީޓަރަކުން 0.84 ލާރި ދިނުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވާއިރު ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދޭންވެސް ވަނީ ފަށާފައެވެ.
ހަނގުރާމައާއި ގުޅިގެން ތެޔޮ އަގު ބޮޑުވި ވަގުތުވެސް ހަންގުރާމައިގެ ކުރިން މިފްކޯއިން ތެޔޮ ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް މަސްވެރިންނަށް ތެޔޮ ވިއްކަމުންދާ ކަމަށާއި، ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްގޮތަށް ބޮޑުކަންނެލި މަސްވެރިންނަށް އެސްޓީއޯ ޝެޑް ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
ހަމައެހެންމެ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިހާރު ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަނގުރާމައިގެ ހާލަތުގައި މިފްކޯއަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ އެހީތެރިކަމާއެކު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ ބަރާބަރަށް ފައިސާ ދައްކަމުން ކަމަށާއި، ދުނިޔޭގެ އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މިފްކޯއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުންފުނީގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
ހަމައެހެންމެ މިފްކޯ ހަރަކާތްތެރި ނުވާ ސަރަހައްދުތަކުން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ނުލިބޭތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި މިހާރުވެސް އިތުރުގެ ހަތަރު ސަރަހައްދަކުން މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.






