މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްވެރިންނަށް ތެޔޮލިބުންދަތިވެ، މަސްވެރިކަމަށް ބުރޫ އަރައިފައިވާކަމަށް ބުނެ، ރިޕޯޓްކޮށްފައިވާ ޚަބަރަކާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހައި މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ… pic.twitter.com/yGGxcMdyCe
— Ahmed Shiyam (@Shiyamaldives) April 18, 2026
މިގޮތުން އެ ޚަބަރު ދޮގުކުރައްވައި ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހައި މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށްވެސް ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން ކަމަށާއި، އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
"ނޫހުގައި ތިފަދަ ސުރުޚީއެއް ޖައްސަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވައިލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ. ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މުޅިރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ"، ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން މިދަނީ މަސްވެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުން ބަލައި މަސްވެރިންނަށް އެންމެ ރަގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްވެސް މަސްވެރިކަމުގެ ސިނާޢާތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.






