އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން މީސްމީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކާއި ގުޅިގެން، ކަން އޮތްގޮތުގެ ޙަޤީގަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސާފުކޮށްދީފިއެވެ.
އެލްޖީއޭއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ، އެ ޤާނޫނުގެ ދަށުން އެލްޖީއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ ޤާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އިދާރާއަށްކަން ބަޔާނުގައި ވަނީ ބުނެގައެވެ.
އަތޮޅު ކައުންސިލުތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައްވެސް އެ އޮތޯރިޓީގެ ދަށަށް ބަދަލުވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތައް ޤާއިމުކުރުމުގެ އިޚްތިޔާރުވެސް އެ އިސްލާހުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމާއި އެކު އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްޢޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް މި އޮތޯރިޓީން ނުދެކެމެވެ." އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އަތޮޅު ކައުންސިލްތަކާއި ވުޒާރާ އުވާލުމާއި ގުޅިގެން، އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ބައެއް މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރައިފައެވެ. އެހެންނަމަވެސް، އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްޢޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއެކު އެފަދަ ހުސްކަމެއް ނާންނާނެކަން އެލްޖީއޭއިން މިވަނީ ކަށަވަރުކޮށްދީފައެވެ.





