ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ، ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިއަދުގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 ނިޔަލަށް ފޯމު ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކަށް ދިނީ އޭޕްރީލް 29، ގެ 15:00 އެވެ. އީމެއިލް މެދުވެރިކޮށް އަދި އިލެކްޝަންސްގެ އޮފީހަށް ހާޒިރުވެގެން ވެސް އިންތިހާބަށް ކުރިމަތިލާން އެދި ފޯމު ހުށަހެޅޭނެ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް އަލުން މީހަކު އިންތިހާބު ކުރަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.




