މި އަހަރު ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ހުރިހާ ކަމެއް ވަނީ އިންތިޒާމު ކުރެވިފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ޙައްޖުވެރީންނަށް އެއްވެސް ދައްޗެއް ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި އަހަރުވެސް ވަރަށް ދުރާލާ ޙައްޖާއި ގުޅޭ ހުރިހާ އިންތިޒާމެއް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ވިސާއާ ފްލައިޓް ދަތުރާއި ހޮޓަލުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވި އެވެ.
ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާއިރު މި އަހަރުވެސް މައްކާ ރޫޓްގެ ދަށުން ދިވެހީ ޙައްޖުވެރީންނަށް ހުރިހާ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.







