އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އުމުރުން 92 އަހަރުގެ އާޝާ މަރުވިކަން ހާމަކޮށް އޭނާގެ ދަރިފުޅު އަންނަދު ބޯސްލޭ ކުރި ޕޯސްޓެއްގައި ބުނީ މަންމަގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ މާދަމާ ހަވީރު މުމްބާއީގައި ކަމަށެވެ.
އާޝާގެ މާމަ ދަރިފުޅު ޒަނާއި ބޯސްލޭ ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އާޝާ އެޑްމިޓްކުރީ ވަރަށް ބޮޑަށް ވަރުބަލިވުމާއި މޭގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. އަދި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އެދިފައިވެ އެވެ.
އުމުރުގެ ބޮޑުބައެއް މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވި އާޝާގެ މަރާއެކު، އޭނާގެ ލަވަތައް އަޑުއަހައިގެން ބޮޑުވި އެތައް މިލިއަން ބަޔަކަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.




