ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތުން އެ ވުޒާރާއިން ބުނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައި ކުރިއަށްދާ މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އަދި މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށާއި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 19 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.




