ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވެއެވެ.
އެ އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައިވަނީ 14:30އިން ފެށިގެންނެވެ.
އެކަމާ ގުޅޭ ގޮތުން، އީސީގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުތައް ކުރިއަށްގެންދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ.
އީސީން ބުނީ، ދެވަނަ ބުރަށްދާ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚީޔާލު ހޯދުމަށްނެގި އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުމުމުގެ ހާއްގުލިބުނުއިރު 215،346 މީހުން ވަނީ ވޯޓުލުމުގެ ޒިންމާ އަދާކޮށްފައެވެ.






