ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެވުނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އަދި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
ހަމައެއާއެކު، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.






