"އުދަރެސް" ނަމަކަށް މުދާއުފުލާ ބޯޓަކުން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ދިރިހުއްޓައި ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައި ކަމަށާއި، ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އަދި މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުންނެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ފެނިފައިވާ ކަމަށާއި، އެމީހާ ފެނިފައިވަނީ މިއަދު ހެނދުނު 10:15 އެހައިކަންހާއިރު ކަމަށެވެ. އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރު ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.






