މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިތުރު އަދި ބޮޑެތި ފިޔަވަޅުތަކެއް އަޅަން މިއަދު އަންގައިފި އެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކުރުމާއި، ރަސްމީގަޑީގައި މަސއްކަތްތައް ނިންމުމާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުމާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމާއި ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުމާއި ދަތުރުތައް މަދުކުރުމާއި ތަމްރީންތައް ރާޢްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި އޮންލައިންކޮށް ގެންދިއުމާއި ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ދަތުރުކުރުން ފަދަކަންކަން ހިމެނެއެވެ.







