ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިވަޑައިގެންފައިވާކަމަށް، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ޙާލަތު ގާތުން ވިލަރެސްކުރައްވައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުންގެންދަވާކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ޙާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، މިހާތަނަށްވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެލް.ޕީ.ޖީ ނުވަތަ ކައްކާ ގޭހުގެ ޚިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެކުންފުންޏާއި އެސް.ޓީ.އޯ އާއެކު ފަންނީ މަޝްވަރާކުރައްވައި، މި ކަމަށް ޙައްލެއް ހޯދުމާމެދު ނިންމަވާ ގޮތެއް، ވަރަށް އަވަހަށް އިޢުލާންކުރައްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވަނީ، ކަރަންޓުގެ ޓެރިފް ބޮޑުކުރެއްވުމުގެ ވިސްނުމެއް އަދި ނެތްކަމަށް ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށް ނުވާކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައިވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާކަމީ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އިޢުލާންކުރެއްވި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ކޮމިޓީގެ ޗެއަރ ވަނީ، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި ކޮމިޓީގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި، އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ކޮމިޓީން ފާހަގަކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ސިނާޢަތްތައް ތަމްސީލުކުރައްވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން، ގުޅިގެން، އެކުގައި ކުރައްވާ މަސައްކަތްތައްވެސް ކޮމިޓީން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.






