ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
މިއަދު ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ސޮއިކުރައްވާފައެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ އޮންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ފެށިގެން 14.00 އަށެވެ.
މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ވަޒީރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ. އަދި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި، ލޯބި ހޯއްދެވި ވެރިއެއް ކަމަށެވެ.





