ދުނިޔޭގެ މަގުބޫލު ކްރިއޭޓަރުންނާއި، ޑިޖިޓަލް މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ވޯލްޑް ކްރިއޭޓަރ ސަމިޓް 2026" އަދި "ވޯލްޑް ކްރިއޭޓަރ އެވޯޑްސް 2026" ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސް އާއި ދުނިޔޭގެ މަޝްހޫރު "ވޯލްޑް ޓްރެވަލް އެވޯޑްސް" އިންތިޒާމު ކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު ހަރަކާތް އޮންނާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 25 އަށެވެ. "ކްރިއޭޓޯލް" ގެ އެހީތެރިކަމާއެކު ބާއްވާ މި އިވެންޓުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކްރިއޭޓަރުންގެ ދައުރު ފުޅާކޮށް، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ކްރިއޭޓަރ އިކޮނޮމީގެ މަރުކަޒަކަށް ހެދުމެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކެވެ.
މި ސަމިޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް ޝިއުރީ ވިދާޅުވީ، މަންޒިލްތައް އިޝްތިހާރުކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، މި ބަދަލުގައި ކްރިއޭޓަރުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގައި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖަސްޓިން ކޫކް ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ސޯޝަލް މީޑިއާ ހަރަކާތެއް ނޫން ކަމަށާއި، މިއީ މަންޒިލްތަކުގެ ވާހަކަތައް އާ ގޮތްގޮތަށް ކިޔައިދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު ޕްލެޓްފޯމެކެވެ.
2026 ވަނަ އަހަރުގެ މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އިންޑިއާ، އިނގިރޭސިވިލާތް، ޗައިނާ، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތައް ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ބާއްވާ "ވޯލްޑް ކްރިއޭޓަރ ސަމިޓް" ގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި "ވޯލްޑް ކްރިއޭޓަރ އެވޯޑްސް" ގައި ޑިޖިޓަލް މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އަގުވަޒަންކޮށް އެވޯޑް ދެވޭނެއެވެ. މީގެ އިތުރުން، ބައިވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށް، ކޮންޓެންޓް ތައްޔާރުކުރުމުގެ ފުރުސަތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަހިކޮށްދެވޭނެއެވެ.
މި އާ ހަރަކާތުގެ ސަބަބުން، ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އިތުރަށް ވަރުގަދަވެ، ޒަމާނީ ޓެކްނޮލޮޖީއާއި ކްރިއޭޓިވް މީޑިއާގެ ބޭނުން ހިފައިގެން ރާއްޖެ އިޝްތިހާރު ކުރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.






