ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި…— Adam Shareef Umar (@Adamshareefz) April 4, 2026
މިގޮތުން ވަޒީރު ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވައިފައެވެ.
ވަޒީރު ވިދާޅުވީ އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން އެމަނިުފާނުގެ ވުޒާރާއިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ވަޒީރު ވަނީ އަރުވައިފައެވެ.
"އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ"، ވަޒީރު ވިދާޅުވިއެވެ.
އިއްޔެ ނިމިގެންދިޔަ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރިއިރު، ލޯކަލް ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. އަދި ގިނަ ރަށު ކައުންސިލްތަކުގެ ރައީސްކަން ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.






