ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީ ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުން ހަވީރު 5:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާކަމަށެވެ.
މިއަދު މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 131،947 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 63،175 އަންހެނުންނާއި 6،8772 ފިރިހެނުންނެވެ.
މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވާއިރު މިހާތަނަށް ވޯޓުނުލަނީ 162،929 މީހުންނެވެ. އެހެންކަމުން ވޯޓު ކިޔޫތައް ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ މީހުން ވޯޓުލުމުގެ ޙައްގު އަދާކުރުމަށް ކިޔޫގައި ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.






