ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް މާލޭގެ ބޭރުން ފެށި ފުރަތަމަ އަތޮޅަކަށް އައްޑޫ ސިޓީ ވެއްޖެ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއަކް ސެންޓަރު ގުޅިގެން ހުސްވި މާޗް މަހުގެ 31 އިން މި މަހުގެ ދެއަކަށް އައްޑުއަށް ކުރި ތާރީހީ ދަތުރުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި ރާއްޖޭގެ ދެކުނުގައި ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައި ކަމަށެވެ.
އެގޮތުން މި ދަތުރުގައި މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށާފައިވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައި.ސީ.ޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ. ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޖުމްލަ 11 އެންޖިއޯގްރާމް އާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ހޮސްޕިޓަލުން ފޯރުކޮށްދީފައި ވާކަމަށެވެ.
ސިއްޙީ ޚިދުމަތް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މި މުހިންމު ފިޔަވަޅާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް ލިބިގެންގޮސްފައިވާކަން ސީއީއޯ ފާހަގަކުރެއްވި އެވެ.







