2026 ވަނަ އަހަރުގެ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ލޯނު ލިބުން އެދި ހުށަހަޅަންވާނީ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން ޝަރުތު ހަމަވާ ފަރާތްތަކުން ކަމަށެވެ.
މި ސްކީމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލާފައިވެއެވެ.
މީގެ އިތުރުން ކުރިން ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ފުރުޞަތުތައްވެސް ހުޅުވާލާފައިވާއިރު، ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުތައް ވެސް ވަނީ ހުޅުވާލައިފައެވެ.
ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ދާއިރާތައް ކުރި ޕޯޓަލުން ފެންނަން ހުންނާނެއެވެ. ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ވެސް މި ޕޯޓަލް މެދުވެރިކޮށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ޚިތާބުދެއްވަވައިފައެވެ. އެމަނިކުފާނު ވަނީ މި އަހަރުގެ ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވައިފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުޞަތު ޤާއިމުކުރެވިގެންދާނެކަމަށެވެ.
މި ސްކީމްގެ ދަށުން ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި،"ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ އިންތިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ.






