ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޚާއްޞަ ހޮޓްލައިން "1505" އަދި ޑިޖިޓަލް ޕޯޓަލް ތަޢާރަފްކޮށްފިއެވެ.
ސްޓޭޓްފާމާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ، ރާއްޖޭގެ ބޭސްފަރުވާއާ ގުޅޭ އެންމެހައި ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޓެނިވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
އެ ބަޔާނުގައި ސްޓޭޓްފާމާއިން ބުނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ބޭހާއި ޞިއްޙީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް، މިހާރަށް ވުރެ ފުޅާކުރުމަށް އެ ކުންފުނިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިގޮތުން އެ ކުންފުނިން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި، 24 ގަޑިއިރު ބޭހުގެ ޚިދުމަތް ހޯދުމަށް އެދި ގުޅޭނެ ޚާއްޞަ ހޮޓްލައިން "1505" މިއަދު ރަސްމީކޮށް ތަޢާރަފްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ، މި ހޮޓްލަިއން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް ސްޓޭޓްފާމާއިން ބުންޏެވެ.
މީގެ އިތުރުން ސްޓޭޓްފާމާއިން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ވަދެވޭ ގޮތަށް އެ ކުންފުނީގެ ސްޓޭޓްފާމާ ޕޯޓަލް އިން ބޭސް ހޯދުމަށް އެދުމާއި، އެދިފައިވާ ބޭސް ލިބުމުގެ އެންމެ ފަހުގެ އަދާހަމައަކީ ކޮބައިކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. ސްޓޭޓްފާމާއިން ބުނީ މި ޕޯޓަލް ފަރުމާކުރެވިފައި ވަނީ އެންސްޕާގެ ނިޒާމާ ގުޅުވާލެވިގެން ކަމަށްވާތީ، މިހާރުވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިންނާއި، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް އަވަސް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ވަނީ ހޯއްދަވަން ބޭނުންވާ ބޭހުމުގެ މަޢުލޫމާތު ހިއްސާކުރުމަށް، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 ނުވަތަ ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.






