ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއެއް ކަމަށެވެ.
" އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ޚަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް، ހައުސިންގ މިނިސްޓްރީން މިވަނީ މިދެންނެވި އުސޫލުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އަށް، އިތުރު ހައުސިންގ ޔުނިޓް އަށް ބިން ހަމަޖައްސަވައިދެއްވާފަ. މިގޮތުން އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދާނެ. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން. " ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިންގ ކުންފުނިން އިމާރާތްކުރާ ޔުނިޓްތަކަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެކަމަށް އެ ބޭންކުން ވިދާޅުވާ ކަމަށާއި ކުރިއަށް އޮތްތާނގައި، އެހެން ބެންކުތަކުންވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގައި ބައިވެރިވުމަކީ އުންމީދެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އަގުހެޔޮ ބޯހިޔާވަހިކަން ފަދަ ދާއިރާތަކަށް ބޭންކުން އިންވެސްޓްކުރުމަކީ އާމްދަނީ ލިބޭނެ އައު މަގުތައް ކޮށި، ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއެކު މިފަދަ ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރުމަކީ ސްޓްރެޓީޖިކް ގޮތުން އިގްތިސާދަށާއި ބޭންކުގެ ކުރިމަގަށް ވެސް ނުހަނު މުހިއްމު ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.







