ކުރިއަށް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ،، ރ.، ތ.، ލ.، ގއ. އަދި ގދ. ގެ އިތުރުން ސ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ.، ށ.، ނ.، ބ.، ޅ.، އއ.، އދ.، ވ.، މ.، ފ އަދި ދ އަތޮޅަށް ކަމަށާއި، ކ. އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު 30 އަދި 31 ގައި ކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން އީސީން ބުނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އެ ކޮމިޝަނުގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.






