ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ އެންމެންނަަށް ވަޒީފާ ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ނުކުޅެދުންތެރިކަން ހުރި އިތުރު 500 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދެވޭނެ ކަމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ނުުކުޅެދުންތެރިކަން ހުރި މީހުން ވަޒީފާއަށް ނެރުމާއި، ވަޒީފާގެ މާހައުލުގައި އެ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދީ ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސްކޫލު ދައުރު ނިންމުމަށްފަހު ވަޒީފާއަށް ދިއުމުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވަރަށް ބޮޑު އެހީތެރިކަން ބޭނުންވެއެވެ. އެ ސަބަބަށްޓަކައި ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ އެންމެންގެ ފަންކްޝަނަލް އެސެސްމެންޓެއް ހަދައި ވަޒީފާ އަދާކުރެވޭނެ މީހުންނާއި، އެމީހުންނަށް އަދާކުރެވޭނީ ކޮން ބާވަތެއްގެ ވަޒީފާއެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރުވަނީ ފުރިހަމަކުރެވިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެއާ އެއްކޮށް މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ މިހާރު ގާތްގަނޑަކަށް 350 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަަށް ވަޒީފާ ލިބިފައި މިއޮތީ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި އެބައޮތް މި އަހަރު ތެރޭގައި އިތުރު 500 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު މި ސަރުކާރުން ހަމަޖައްސައިދެއްވާނެކަން. އިރާދަކުރެއްވިއްޔާ އެ ވައުދުފުޅާ އެއްގޮތަށް މަސައްކަތްކޮށް އެ ވަޒީފާ ހަމަޖައްސައިދެވޭނެ،" ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.
އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ގޮތް ފަހިކުރުމުގެ އިތުރަށް ސިވިލް ސާވިސް ކޮމިޝަނުން އެ ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ސިވިލް ސާވިސްގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތް ފަހިކޮށްދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުރި މީހުން ތައްޔާރުކުރުމުގެ ގޮތުން ޖޮބީ ރެޑިނަސް ޕްރޮގުރާމެއް ކުރިއަށްގެންގޮސް މިހާތަނަށް ދެ ބެޗެއްގެ 22 ކުދިންނަށް އެ ހުނަރުތައް ފޯރުކޮށްދެވި މިހާރު ތިންވަނަ ބެޗެއްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި އެމްޕަވާމެންޓު ހަބެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެ ހަބުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީ، އެ ފަރާތްތަކަަށް އިތުރު ހުނަރުތައް ދަސްކޮށްދިނުމަށް އެންޖީއޯތަކުން ހިންގުމަށް ބޭނުންވާ ޖާގަަ ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވިއެވެ.






