އަލަށް ޢިމާރާތް ކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށުގެ ކައުންސިލްތަކަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 54 ރަށުގައި ކައުންސިލް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ ބައެއް ރަށްރަށުގައި މިހާރު ވަނީ ހިޔާކުރުމާ ހިސާބަށް މަސައްކަތް ގެންދެވިފައި ކަމަށެވެ. އަދި މަސައްކަތް ނުފެށި އޮތް ރަށުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށާއި، މިއީ ޓާރންކީ ޕްރޮޖެކްޓެއް ކަމަށެވެ.
''އަލަށް ޢިމާރާތްކުރާ މި ކައުންސިލް އިދާރާތަކަކީ ޖާގަ ތަނަވަސްކޮށް، ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައިވާ ޢިމާރާތްތަކެއް'' ވަޒީރު ވިދާޅުވިއެވެ.
އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.






