އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރެވޭނެ ގޮތް ހަމަޖެއްސުމަށް ރީ-އެމްޕްލޯއިމެންޓް ޤާނޫނަށް ގެނައި އިސްލާހާ ގުޅޭ ޤަވާއިދު މިއަދު ގެޒެޓުކޮށް، އެ ބަދަލަށް ޢަމަލުކުރަން ފަށައިފިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި އިސްލާޙު ތަންފީޒު ކުރާނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންނެވެ.
މި ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޤާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް ސިފައިން، ފުލުހުން، ފަނޑިޔާރުން، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަން ކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް މީގެތެރޭގައި ނުހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
މި ޤަވައިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެއެވެ.
އަދި މި ފުރުސަތު ދެވޭނީ ވަޒީފާއަށް އެދޭ ތާރީޚާއި، އެ ފަރާތަށް 75 އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 މަސް ދުވަސް އޮތް ފަރާތަކަށް ވާނަމައެވެ.
މީގެއިތުރުން، އުމުރުން 65 އަހަރުވާއިރު ވަޒީފާގައި ހުރި މީހެއްނަމަ، އޭގެ ފަހުން އެ މީހަކު ވަޒީފާގައި ހުންނަން ބޭނުންކަމަށް 65 އަހަރުވުމަށް 5 މަސް އޮއްވައި އަންގަންޖެހޭނެކަމަށް އެ ޤަވާއިދުގައި ވެއެވެ. އަދި 65 އަހަރުވުމަށްފަހު ވެސް މުވައްޒަފަކު ވަޒީފާއިގައި މަޑުކުރަން ބޭނުންވެގެން ހުށައަޅާތާ ގިނަވެގެން 2 މަސް ތެރޭގައި އިދާރާއިން ގޮތެއް ނިންމާނެކަމަށެވެ.
ރީ-އިމްޕްލޮއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ އަހަރުން އަހަރަށް އައުކުރާ 12 މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި އިސްލާޙުގެ އެންމެ މުހިންމު ބޭނުމަކީ ޤާބިލު މީހުންނާއި ޤައުމުގެ ތަރައްޤީއަށް ބޭނުންހިފޭ ހުނަރުވެރި މީހުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ފުރުޞަތު ދިނުމެވެ.






