އައްޑޫގައި ސައިޓޯޓޮކްސިކް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން އައްޑޫގައި ސައިޓޯޓޮކްސިކް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް އަދި ގުޅުންހުރި ލިޔެކިޔުންތައް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000 ރުފިޔާ (ފަސް ހާސް ރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.
މީގެ އިތުރުން އެ އިޢުލާނުގައިވާ ގޮތުން ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެ ކަމަށާއި، ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ 07 އޭޕްރިލް 2026 ވާ އަންގާރަ ދުވަހު 10:00ގެ ކުރިން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 07 އޭޕްރިލް 2026 ވާ އަންގާރަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 މާރިޗް 2026 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިން، އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.





