ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ނޯންނަ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވަން ގަސްތުކުރައްވާ ކަމަށާއި، މިކަމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.
‘ކައުންސިލް ކޮމްޕޮޒިޝަންގައި އެބަހުރި އަންހެނުންގެ އަދަދެއް ކަނޑައެޅިފަ. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް' ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއެކު، ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ފުރުސަތު ކަށަވަރުކޮށްދިނުމަކީ މި ގެންނަ އިސްލާހީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
މިކަމާ ގުޅޭ ދިރާސާ ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ ސީދާ އިންސައްތަ އިއުލާނު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބިލަށް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވަން ނިންމަވާއިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.






