ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށްޓަކައި ދުރު ރާސްތާއަށް ރާވައިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި މަރުހަލާތަކަކަށް ބަހަލާއިގެން ރާއްޖޭގެ ތިން ހިސާބެއްގަައި ތެޔޮ ރިޒާވްތަކެއް ގާއިމުކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތްކުރަނީ ކޮންމެ ދެ އަހަރަކުން ނުވަތަަ ދޮޅު އަހަރަކުން ފިޔަވައްސެއް ނިންމައި ފަސް އަހަރުން ނުވަތަ ހަ އަހަރުން މުޅި މަސައްކަތް ފުރިހަމަކުރެވޭނެ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މި މަސައްކަތް ކުރިއަށްގެންދާނެ ގޮތް ރާވައި އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވައިލުމުގެ މަރުހަލާއެވެ.
"ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. އޭގެ އައިޑިއާއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގަައި އިރާދަކުރެއްވިއްޔާ، މިއީ އެއް އަހަރަކުން ނޫނީ ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން، އެހެންވީމާ ތިން ފޭސްއަކަށް ބަަހާލައިގެން ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ފޭސްއެއް ނިންމޭ ގޮތަށް އޮއިލް ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
ތެޔޮ ރިޒާވްވެގެން ދާނީ ސޮވެރިން ޑިވެލޮޕްމެންޓު ފަދަ ފަންޑަކަށް ނުވަތަ ރިޒާވަކަށް ކަން ފާހަގަކުރައްވަމުން ރައސް ވިދާޅުވީ އެ ރިޒާވް ގާއިމުކުރުމުގެ މަސައްކަތުގެ ޕްލޭން ރާވައި ނިމުމުން އެކަމުގެ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރައްވާނެ ކަމަށެވެ.
މި މަސައްކަތުގައި ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމުގައި އަންދާޒާކުރެއްވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއިން ކޮންމެ މަރުހަލާއެއްގައި ދެމެހެއްޓެނެވިކަމާއި، އިގުތިސާދީ ގޮތުން އެކަމެއްގެ ފީސިބިލިޓީއަށް ބަލައިގެން މަސައްކަތްކުރުން ކަމަށެވެ.






