އައްޑޫ ސިޓީގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު 2026 މާރިޗު 21 ވަނަ ދުވަހުގެ 16:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އަދި އަނިޔާވި އެންމެންނަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






