ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 30ވަނަ ދުވަހުއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ ޖަނަވަރީމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
ޖަނަވަރީ މަހުގެ 22ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން 12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މަސައްކަތް އަވަސްކުރުމަށްޓަކައި ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.





