ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް 44 އަހަރުގެ ޖަލު ޙުކުމެއް އަންނަ ފަސް ދަޢުވާއެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ސަނީ ޢުމަރުގެ މައްޗަށް ކުރާ ދަޢުވާތައް:
1. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ތިން ދަޢުވާ
- މިއީ ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ އާއި، ކުޑަ ކުއްޖެއްގެ ޢުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ އަދި ކުޑަ ކުއްޖެއްގެ ޢުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ ކުރާ ދަޢުވާތަކެކެވެ. މިއިން ކޮންމެ ކުށަކަށް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
2. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ
- މިއީ ޙުސައިން ސަނީ ޢުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އޭނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ ކުރާ ދަޢުވާއެކެވެ. މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ.
- މިއީ ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ ކުރާ ދަޢުވާއެކެވެ. މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީން ބުނީ މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ ކަމަށާއި، އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.







