މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރިއަށް ނުގެންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީޢެލް) އިން ބުނެފިއެވެ.
އެމްޕީޢެލް އިން މިހެން ބުނެފައިވަނީ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް އެ ކުންފުންޏާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ، މާލޭ ނޯތު ހާބަރު ސަރަހައްދުގައި އާންމުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
މިގޮތުން އެމްޕީއެލް އިން ބުނީ މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެމްޕީޢެލް އިން ބުނީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާތީ، އެ ކުންފުނިން ދަނީ އެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަމުން ކަމަށެވެ.
މީގެ އިތުރުން އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް ޢަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސް، މި ބަދަލުތަކުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިޔޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި މަސްވެރިކަން ކުރާ އޮޑިދޯނިފަހަރަށް ޚާއްސަކޮށްފައިވާ މާލޭ ނޯތު ހާބަރުގެ ޑީ، އީ އަދި އެފް ސޒޯން ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާ ކަމަށާއި، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އެމްޕީއެލް އިން ޢަމަލުކުރަމުންދިޔަ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
"މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ހިތާމަކުރި ކަމެއް. އަދި ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން މިފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށް މި ކުންފުނިން އިލްތިމާސްކުރަން"، އެ ބަޔާނުގައި ވެއެވެ.






