ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ކޮންޓްރެކްޓަރާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ.

މި މާރުކޭޓު ތަރައްޤީ ކުރަނީ، މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. މާރުކޭޓު ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ.
މާރުކޭޓު ކޮމްޕްލެކްސް:
- ބޭސްމަންޓް – ޕާރކިންގ
- ގްރައުންޑް ފްލޯ – ފިޝް މާރކެޓް
- 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ – ވެޖިޓަބަލް މާރކެޓް
- 4 ވަނަ ފްލޯ – ފުޑް ކޯޓު
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފަވަނީ 1 އަހަރާ 8 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށް، 126,359,594.94 ( ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ތުފިޔާ، ނުވަދިހަ ހަތަރު ލާރި) އަށެވެ.






